ދިވެހި ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމާ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވިފަހުން، ފުޓުބޯޅައިގެ ކުރިމަގު ހުރީ، މި ކުޅިވަރު ދެކެ ލޯބިވާ އެންމެންވެސް ގެންދަން ބޭނުންވާ ހެޔޮ މިސްރާބަށް ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެއެވެ.
ތާރިޤްއާ ބައްދަލުކުރެއްވިކަން ހާމަކުރައްވައި އިންފެންޓީނޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޠާރިޤްއާ ބައްދަލުކުރައްވައި، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމާއި ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތާމެދު ނުހަނު އުފާކުރައްވާ ކަމަށާއި، މި ބައްދަލުކުރެއްވުމުގައި، ފުޓުބޯޅަ ދެކެ ލޯބިވާ ރައްޔިތުންތަކެއް ދިރިއުޅޭ ދިވެހިރާއްޖެއާއި، ބައިނަލްއަގްވާމީ ފުޓުބޯޅައާ އިތުރަށް ގާތްކޮށް، ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝަވަރާކުރެވުނު ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އެފްއޭގެ ރައީސްކަމަށް ޠާރިޤް އިންތިޚާބުވެވަޑައިގެންނެވިއިރު، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ އެހީގައި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި، ނަތީޖާ ފެންނަފަދަ މުހިންމު މަސައްކަތްތަކެއް ޠާރިޤް ކުރައްވަމުން ގެންދަވާކަން އިންފެންޓީނޯ ފާހަގަކުރެއްވިއެވެ.
އޭގެ ހެއްކެއްގެ ގޮތުގައި، ހަތް އަހަރަށްފަހު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ތައްޓެއް ހޯދައި، އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށް، ކުރިން ނުކުރާފަދަ މަސައްކަތްތަކެއް ކުރަމުންދިއުން ފުދޭކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު، އައު ޒައާމަތުގައި ދިވެހި ފުޓުބޯޅަ، އަޅުގަނޑުމެން އެންމެން ބޭނުންވާ މިސްރާބަށް ގެންދެވޭނެކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ތައްޓެއް ހޯދާފައި ވަނީ ސްރީލަންކާގައި މި މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕާ ކަޕުގައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ގިނަ މައްސަލަތަކެއް ފާހަގަވެ، ފީފާ އިން އޭނާ ސަސްޕެންޑްކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މަސައްކަތްތައް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނަ އެވެ. އަދި، މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، އެ ނޯމަލައިޒިން ކޮމިޓީން ވަނީ އިންތިހާބެއް ބާއްވައިފައެވެ.
އެ އިންތިހާބު ކާމިޔާބުކުރެއްވީ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގުގެ ޓީމުންނެވެ. ހުރިހާ މެމްބަރު ކްލަބެއްގެ ތާއީދާ އެކުގައެވެ.