އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވުމަށް ރައީސް ޤަޠަރަށް

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ސަމިޓް ކުރިއަށްދާނީ މިއަދުއެވެ. މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓްގައި، ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަވާނެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގަތުން | ފޮޓޯ: ރައީސް އޮފީސް

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަކީ، ދިވެހިރާއްޖެއިން ޤަޠަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް މިކަމުން ބާރުދެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގަތުން | ފޮޓޯ: ރައީސް އޮފީސް

މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް