މަތީ ތައުލީމަށް މި އަހަރުގެ މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 އަހަރުން ފެށިގެން މި މަހުގެ 11 ގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.06 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެގޮތުން މި ސްކީމްގެ ދަށުން މި އަހަރު 365.27 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 560 ފިރިހދެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުންނެވެ.
މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިއަން ރުފިޔާ އާއި ފަސްޓް ޑިގްރީ ސްކީމްގެ ދަށުން 267 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.