މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯކަމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.
ސޫޒަން އިސްތިއުފާ ދެއްވީ، އަމިއްލަ ޕްރޮޖެކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީ ކަމަށް އިސްތިއުފާގެ ސިޓީގައި ވެއެވެ. އަދި މަޓާޓޯއަށް ހިދުމަތް ކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި ސޫޒަން ވަނީ، އެ ކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. ހާއްސަކޮށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ދެއްވި އެހީތެރިކަން ސޫޒަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސޫޒަން ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ބްރޭކެއް ނަގަން ވަރަށް ބޮޑަށް ބޭނުންވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.
ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން ބުނީ، އޭނާގެ ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ހޯދަން މަގުފަހިވި ކަމަށެވެ. އޭގެ ތެރެއިން އެ ކުންފުނިން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި، މަޓާޓޯގެ އައު ލޯގޯއާއި ވެބްސައިޓާއި ރޯދަ ކުއިޒް ހިމެނެއެވެ.
ސޫޒަންގެ ބުރަ މަސައްކަތުން ސިނާއަތުގައި މަޓާޓޯގެ ދައުރު ވަރުގަދަވެ، ކުރިއަށް އޮތް އަހަރުތަކަށް ވަރުގަދަ ބިންގަލެއް އެޅުނުކަން މަޓާޓޯއިން ފާހަގަކުރިއެވެ.
އެ ކުންފުނިން ވަނީ، ސޫޒަންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަނުކުރީ ޖެނުއަރީ 27، 2024ގައެވެ.
ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ވެސް ހަތް އަހަރު މަސައްކަތް ކުރައްވާފައެވެ.