ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް ތައްޔާރުވުމަށް ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުން ބައެއް މިއަދު ހަވީރު 4 އިން ރޭގަނޑު 9 އަކަށް ބަންދުކުރަން ނިންމައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ބަންދުވާނީ އެފެކްސް އޮޕަރޭޝަނަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ކަމަށާއި، އެ ވަގުތުތަކުގައި ބްރިޖުގެ ޓްރެފިން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ނަމަވެސް ވެލާނާ އެއާޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރި ނަމަވެސް، ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓް ކުރުމެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ބާއްވަންޖެހޭ ހަރަކާތެކެވެ.



